މަޖިލީހުން ހިތުހުރި ގޮތަކަށް އަމަލުކުރާ ކަމަށް ވިދާޅުވެ, އެމްޑީޕީ ތިން މެންބަރުން ޓައީ ބާލައިފި
ސަން
15 ސެޕްޓެމްބަރު 2025 | ހޯމަ | 2:20
ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިސް ހިންގަމުން އަންނަނީ އުސޫލުން ބޭރުން ކަމަށް ވިދާޅުވެ, އެކަމާ ދެކޮޅަށް އިހުތިޖާޖެއް ކުރެއްވުމުގެ ގޮތުން އިދިކޮޅު އެމްޑީޕީގެ ތިން މެންބަރަކު ޓައީ ނާޅައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފިއެވެ.
ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ޓައީ ނާޅުއްވައި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ, ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ކުޑޫ)ގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
އާއްމުކޮށް މަޖިލީހުގެ ތަޅުމުގައި ބާއްވާ ޖަލްސާތަކުގައި ފިރިހެން މެންބަރުން ތިއްބަވަނީ ބެގީކޮށް, ޓައީ އަޅުއްވައިގެންނެވެ. ރިޔާސަތުގައި އިންނަވާ ބޭފުޅަކު ކޯޓް ތުރުކުރައްވައެވެ. އަދި, ބައެއް މެންބަރުން ވެސް ކޯޓުކޮޅުގައި ޖަލްސާއަށް ވަޑައިގަންނަވައެވެ.