އިހުތިޖާޖު ކޮށްކޮށް އޮއްވާ، ބައެއް އިސްލާހުތަކާ އެކު ކޮންޓްރޯލް ބިލު ކޮމިޓީން ފާސްކޮށްފި
ސަން
15 ސެޕްޓެމްބަރު 2025 | ހޯމަ | 4:40
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަޑުއަހަން ގޮސް ތިބި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުންދަނިކޮށް، މީޑިއާ ކޮންޓްރޯލް ބިލަށް ބައެއް އިސްލާހުތައް ގެނައުމަށް ފަހު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މީޑިއާ ކޮންޓްރޯލް ބިލު ހުށަހެޅީ ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. އެ ބިލަށް ސަރުކާރުގެ ފަރާތުން ވަނީ ބައެއް އިސްލާހުތައް ހުށަހަޅާފައެވެ.
ބިލު ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން އަންނަނީ ބިލު ބޭރުކޮށްލަން ގޮވާލާ އިހުތިޖާޖުކުރަމުންނެވެ. ކޮންމެ ދުވަހަކު ބިލުގެ މަސައްކަތް ކުރިއަށްދާއިރު ވެސް ނޫސްވެރިން މަޖިލީހަށް އަޑުއަހަން ވަދެއެވެ. އެ ބިލާ ގުޅޭ ގޮތުން ޚިޔާލު ހޯދަން މީގެ ކުރިން މީޑިއާތަކާ ބައްދަލުކުރިއިރު ވެސް ހުރިހާ މީޑިއާއަކުން ވަނީ ބިލާ ދެކޮޅު ހަދައި، ކަންބޮޑުވުން ފާޅުކޮށްފައެވެ.