މީޑިއާ ބިލާ ދެކޮޅަށް މައުރޫފް ވާހަކަދައްކަވަން އުޅުއްވުމުން، އެމްޕީ އިމްރާން މައިކް ''ހަލާލުކޮށްލައްވައިފި''
ސަން
15 ސެޕްޓެމްބަރު 2025 | ހޯމަ | 8:08
މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކުރަން ބޭއްވި ބައްދަލުވުން ހޫނުވެ، އެމްޑީޕީގެ މެންބަރަކު ވާހަކަދައްކަވަން މަސައްކަަތް ކުރެއްވުމުން ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް މައިކަކަށް ގެއްލުންދެއްވައިފިއެވެ.
ސަރުކާރާ ގުޅުން އޮންނަ އަމިއްލަ މެންބަރެއް ކަމަށްވާ، ތުޅާދޫ ދާއިރާގެ އަބްދުލްހަންނާން އަބޫބަކުރު މީޑިއާ ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 18ގައެވެ. އެ ބިލު ހާމަކުރި ހިސާބުން ފެށިގެން ނޫސްވެރިން އަންނަނީ، ބިލަށް އަމަލުކުރަމުން ފެށުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލޭނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރަން ގޮވާލަމުންނެވެ.
އެ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އިދިކޮޅުން މުޒާހަރާ ވެސް ކޮށްފައިވަނިކޮށް، މަޖިލީހުން އެ ބިލު ބަލައިގަނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ. އަދި އެ ކޮމިޓީން ދައުރުން ބޭއްވި ބައްދަލުވުންތަކުގައި މިއަދު ބިލަށް އިސްލާހުތަކެއް ހުށަހަޅާފައިވެއެވެ.