ލޯނު ދިނުމުގެ ސްކީމަށް ޚިޔާލު ހޯދަން، ކޮންޓެންޓް ކްރިއޭޓަރުންނާ ސައީދު ބައްދަލުކުރައްވައިފި
ސަން
15 ސެޕްޓެމްބަރު 2025 | ހޯމަ | 8:44
ސޯޝަލް މީޑިއާގައި ތަފާތު މަސައްކަތްތައް ކުރާ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށް ދޫކުރާ ލުއިލޯނާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް، އެ ދާއިރާގެ ފަންނުވެރިންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވަނީ، އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ވަޢުދުތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އެ ލޯން ސްކީމްގެ މަގުސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، އެ ދާއިރާގެ މީހުންނަށް ފުރުސަތު ލިބޭގޮތަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ލޯނަށް ހުޅުވާލަން އަންގަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.