ކިޔައިލަން ފުރުސަތަކަށް އެދިއެދި އޮއްވައި، ކައުންސެލް ޖެނެރަލްގެ ލަފާތަކާއެކު ކޮމިޓީ ރިޕޯޓު ފާސްކޮށްފި
ސަން
16 ސެޕްޓެމްބަރު 2025 | އަންގާރަ | 4:19
މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ހުށަހަޅައިފައިވާ ބިލު, ކޮމިޓީން ފާސްކޮށް, ބިލުގެ ކޮމިޓީ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ހުށަހެޅުއްވި ލަފާތަކާއެކު މިއަދު ފާސްކޮށްފިއެވެ.
ބިލާ ދެކޮޅަށް ނޫސްވެރިންނާއި، އިދިކޮޅު އެމްޑީޕީއިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރަމުންނެވެ. މިއަދު ވެސް ހެނދުނު 08:30 އިން ފެށިގެން ނޫސްވެރިން އަންނަނީ މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަމުންނެވެ.
ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ ބޭފުޅުންގެ އިތުރުން ސުޕަމެޖޯރިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ބިލުގެ ދިފާއުގައި ވާހަކަދައްކަވަމުން ދަނިކޮށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ނޫސްވެރިންގެ ކަންބޮޑުުވުންތަކާ ގުޅިގެން 14 އިސްލާހެއް ބިލަށް ހުށަހަޅައިފައެވެ.