މީޑިއާ ބިލު ފާސްކުރި ގޮތުން ނުނިޔަތެއް އޮތްކަން ހާމަވޭ، ތަސްދީގުނުކުރަން ގޮވާލަން: އަދާލަތު ޕާޓީ
ސަން
17 ސެޕްޓެމްބަރު 2025 | ބުދަ | 12:12
ބައެއް އިސްލާހުތަކާއެކު، މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި ބިލުން ޑިމޮކްރެޓިކް ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ބުނެ، ބިލު ތަސްދީގު ނުކުރުމަށް އަދާލަތު ޕާޓީން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިއަދު ގޮވާލައިފިއެވެ.
ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލު މަޖިލީހުން މިއަދު ފާސްކުރީ، މަޖިލިސް ދޮށުގައި ނޫސްވެރިންނާއި އާންމުން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.
އެ ބިލު ފާސްކުރަން އުޅުމުން އެމްޑީޕީ މެންބަރުން އަޑުގަދަކޮށް، އިހުތިޖާޖުކުރިއެވެ. އަދި ބިލަށް ވޯޓަށް އެހީ، އެ ޕާޓީގެ މެންބަރުންތަކެއްގެ ނަން އިއްވައި ތަޅުމުން ބޭރުކުރުމަށްފަހުގައެވެ. އެއީ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ތާއިދާއެކު 60 މެންބަރުންގެ ވޯޓުންނެވެ.