އިއްޔެއަކީ މުޅި މަޖިލިސް ޚަރާބުގެ މަގަށް ސޮއްސާލި ދުވަހެއް: ޝާހިދު
ސަން
17 ސެޕްޓެމްބަރު 2025 | ބުދަ | 11:48
ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމާ ގުޅިގެން އިއްޔެއަކީ މުޅި ރައްޔިތުންގެ މަޖިލިސް ޚަރާބުގެ މަގަށް ސޮއްސާލި ދުވަހެއްގެ ގޮތުގައި، މައި އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މިރޭ ސިފަކުރައްވައިފިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި މިރޭ ވާހަކަ ދައްކަވަމުން، 17ވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލު ހުށަހެޅުމުގައި ސަރުކާރުން ހުރިހާ މަރުހަލާއެއްގައި ވެސް އޮޅުވާލީ ކަމަށާއި، އެގޮތުން ބިލު ހުށަހެޅީ އަމިއްލަ މެންބަރެއް ކަމަށް ބުނެ، ސަރުކާރުން ހެދީ ދޮގު ކަމަށެވެ.
ޝާހިދު އެ އިޝާރާތްކުރެއްވީ އިއްޔެ މީޑިއާ ބިލު ފާސްކުރަން ވޯޓަށް އެހި ވަގުތު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް، އެ ބިލަކީ "ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު" ހުށަހެޅި ބިލެއްކަމަށް ވިދާޅުވި ވިދާޅުވުމަށެވެ.