ދޮންފަނު ބިންހިއްކުން: ރައްޔިތުން އިހުތިޖާޖުގައި، ސަރުކާރުގެ ޖަވާބެއް ނުލިބޭ
ސަން
20 ސެޕްޓެމްބަރު 2025 | ހޮނިހިރު | 2:47
ހަފުތާއެއް ފާއިތުވެގެން ދިޔައިރު، ބ. ދޮންފަނުގެ ބިން ހިއްކުމުގެ މައްސަލައިގައި ސަރުކާރުގެ ފަރާތުން ޖަވާބެއް ހޯދަން މަސައްކަތްކުރި ނަމަވެސް، އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް، އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
އެންމެ 400އެއްހާ މީހުން ދިރިއުޅޭ ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 13ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. ދޮންފަނު ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެތީ ކަމަށް ބުނެ، އެ ތަނުގެ ހިމާޔަތުގައި އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މި މަހުގެ ނުވަވަނަ ދުވަހު ރައީސް ނިންމެވީ އެ ރަށުގެ ބިން ނުހިއްކުމަށެވެ.
އެ ނިންމުމާ ގުޅިގެން ދޮންފަނު ރައްޔިތުން ވަނީ، އެ ރަށުގެ ބިން ހިއްކަން ބޭނުންވާ ކަމަށް ބުނެ، ބިން ހިއްކުން ކުރިއަށް ގެންދިއުމަށް ގޮވާލައި އިހުތިޖާޖުތައް ފަށައިފައެވެ. ސިލްސިލާކޮށް ކުރިއަށް ގެންދާ އެ އިހުތިޖާޖު ވަނީ ކަނޑުމައްޗަށް ވެސް ފުޅާކޮށްފައެވެ.