ފައިސާ ނުލިބޭ މައްސަލަ ބޮޑުވެފައި އޮއްވާ، އިމާރާތްކުރުމުގެ ދާއިރާއަށް 1.7 އިންސައްތައިގެ ދަށްވުމެއް
ސަން
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 12:40
ސަރުކާރަށް އެކިއެކި މަސައްކަތްތައް ކޮށްދީފައިވާ ކުންފުނިތަކަށް ސަރުކާރުން ފައިސާ ދޫނުކުރާ މައްސަލަ ބޮޑުވެފައި އޮއްވާ، އިމާރާތްކުރުމުގެ ދާއިރާއަށް 1.7 އިންސައްތައިގެ ދަށްވުމެއް އައިސްފައިވާ ކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.
ހިސާބުތަކުން އެކަން ދެއްކިއިރު ސަރުކާރުން ސަޕްލަޔަރުންނަށް ފައިސާ ނުދޭ މައްސަލަ އޮތީ ބޮޑުވެފައެވެ. އެހެންވެ، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތައް 'ބަނގުރޫޓުވާ' ހިސާބަށް ގޮސްފައިވާ ކަމަށް އެ ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އިމާރާތްކުރުމުގެ ދާއިރާއަށް ވަނީ 1.7 އިންސައްތައިގެ ދަށްވުމެއް އައިސްފައެވެ. އެގޮތުން، އެ އަހަރު އެ ދާއިރާގައި ހިނގީ ޖުމުލަ 4.3 ބިލިއަން ރުފިޔާގެ އިގުތިސާދީ ހަރަކާތެވެ.