ގައުމުތަކުގެ ސަގާފަތް ދައްކުވައިދޭން ބާއްވާ ފޯރަމެއް ޝަރަފުވެރިކޮށްދެއްވަން އާދަމް ނަސީރު ޔޫއޭއީއަށް
ސަން
21 ސެޕްޓެމްބަރު 2025 | އާދިއްތަ | 8:15
އެކި ގައުމުތަކުގެ ސަގާފަތް ދެއްކުމަށް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ ފޯރަމެއް ޝަރަފުވެރިކޮށްދެއްވުމަށް، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެ ގައުމަށް ފުރާވަޑައިގެންފިއެވެ.
އާދަމް ނަސީރު ވަޑައިގަންނަވަނީ، ޔޫއޭއީގެ ޝާރްޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުން ބާއްވާ 'ޝާރުޖާ ނެރޭޓާސް ފޯރަމް'ގެ 25ވަނަ ސެޝަން ޝަރަފުވެރިކޮށް ދެއްވުމަށެވެ. އެ ފޯރަމް ކުރިއަށް ދާނީ މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ، "ދަތުރުވެރީންގެ ވާހަކަ" ޝިޢާރުގެ ދަށުން ބާއްވާ އެ ފޯރަމުގެ މަގުޞަދުތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ތާރީޚާއި ސަގާފަތާއި އާދަކާދަތައް ބޭރު ދުނިޔެއަށް ދައްކުވައިދިނުމާއި ފަންނުވެރީންގެ ހުނަރުތައް ކުރިއެރުވުން ހިމެނޭ ކަމަށެވެ.