އަމާޒަކީ ރައްޔިތުން މާލެ އައިސް ޚިދުމަތް ހޯދަން އޮންނަ "އަަޅުވެތިކަމަށް" ނިމުން ގެނައުން: ރައީސް
ސަން
24 ސެޕްޓެމްބަރު 2025 | ބުދަ | 11:33
ސަރުކާރުގެ އަމާޒަކީ ބޮޑު އަގުގައި ރަށްރަށުން މީހުން މާލެ އައިސް ޚިދުމަތް ހޯދަން އޮންނަ "އަަޅުވެތިކަމަށް" ނިމުމެއް ގެނެސް، ސީދާ ރަށްރަށުން ޚިދުމަތް ލިބޭގޮތް ހެދުން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިވަގުތު ހަތަރު އަތޮޅަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު އަތޮޅު ކަމަށްވާ ތ. އަތޮޅުގެ ވެރިރަށް ވޭމަންޑުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ ރަށުގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް އަޅައި ގާތްގަނޑަކަށް ނިމިއްޖެކަމަށާއި، އެކަމުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ.
ހަމައެއާއެކު ވޭމަންޑޫގައި މިއަދު ފެށި ޕާސްޕޯޓު ހެއްދުމާއި ދޫކުރުމުގެ ޚިދުމަތުން ވެސް އެ ރަށު ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ރަށުގައި އެ ޚިދުމަތް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.