ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކެއް އދ.ގެ މަޖިލިސް ބޮއިކޮޓްކޮށްފި
ސަން
26 ސެޕްޓެމްބަރު 2025 | ހުކުރު | 8:17
ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގުމުގެ ތުހުމަތުތަކާއެކު ހައްޔަރުކުރުމުގެ އަމުރެއް އޭނާގެ މައްޗަށް ނެރެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އދ.ގެ 80ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން ފެށުމާއެކު ރާއްޖެ ވެސް ހިމެނޭހެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ވަފުދުތަކުން އާންމު މަޖިލިސް ދޫކޮށް ނިކުމެއްޖެއެވެ.
މިއަދަކީ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުތައް ކުރިއަށްގެންދާ ހަތަރުވަނަ ދުވަހެވެ. މިހާތަނަށް އާންމު މަޖިލީހުގައި ތަގުރީރުކުރެއްވި ހުރިހާ ވެރިންހެން ވަނީ އިސްރާއިލުން ޣައްޒާގައި ހިންގާ ގަތުލުއާންމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ. އަދި އެ ގައުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށް، އެކަން ހުއްޓައިލަން ގޮވައިލައިފައެވެ.
އެއާއެކު، ނަސްލު ނައްތައިލުމުގެ ބޮޑު ގަތުލުއާންމެއް ހިންގުމުގައި އިސްކޮށް ހުރި ނަތަންޔާހޫ ވާހަކަދައްކަން ފުރުސަތު ދިނުމާއެކު ވަރަށް ގިނަ ގައުމުތަކުން ވަނީ މަޖިލިސް ދޫކޮށް ގޮސްފައެވެ. އަދި ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، ޓޫރިޒަމް މިނިސްޓަރު އަހްމަދު ޠާރިގާއި ދިވެހި ސަރުކާރުގެ ވަފުދުގެ އެހެން ބޭފުޅުން ވެސް ނުކުމެވަޑައިގެންނެވިއެވެ.