ގަވާއިދާ ޚިލާފަށް ފުލެޓު ލިސްޓަށް މީހަކު އިތުރެއް ނުކުރަން، އެ ފުރުސަތެއް ވެސް ނޯންނާނެ: މުއްތަލިބު
ސަން
28 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:48
މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން 350 އެއްހާ ފުލެޓު، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކަމަށް ބުނާ ބަޔަކު ވިއްކަން އުޅޭ ކަމަށް ފަހި ޔޫނިއަނުން ކުރި ތުހުމަތުތައް އެ މިނިސްޓްރީން ދޮގުކޮށްފިއެވެ.
ފަހި ޔޫނިއަންގެ ތުހުމަތުތަކާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން އެ މިނިސްޓްރީން މިއަދު ބުނީ، އެފަދަ އެއްވެސް ކަމެއް މިނިސްޓްރީގެ ތެރެއިން ނުކުރާ ކަމަށެވެ.
މިކަމާ ގުޅިގެން 'އެކްސް'ގައި ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ލިޔުއްވި ގޮތުގައި، ގެޒެޓުގައިވާ ލިސްޓާއި މިނިސްޓްރީގެ އިއުލާނާ ޚިލާފަށް އެއްވެސް ފަރާތެއް ލިސްޓަށް އިތުރުކޮށްފައިނުވާނެއެވެ. އަދި، ލިސްޓަށް އާ ބަޔަކު އިތުރުކުރުމުގެ ފުރުސަތު ވެސް ނޯންނާނެ ކަމަށް މުއްތަލިބު ލިޔުއްވާފައިވެއެވެ.