އޮޑިޓާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އަޅަން ފަށައިފިން، މިހާރު ކުންފުނި ހިންގަނީ ގާނޫނުތަކާ އެއްގޮތަށް: ފެނަކަ
ސަން
30 ސެޕްޓެމްބަރު 2025 | އަންގާރަ | 9:30
މިދިޔަ އެމްޑީޕީގެ ފަހު ތިން އަހަރު ހިންގި ކަމަށް ތުހުމަތުކުރެވޭ އެތައް މައްސަލައެއް ހިމެނޭ ޚާއްސަ އޮޑިޓާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އަޅަން ފަށައިފި ކަމަށާއި މިހާރު ކުންފުނި ހިންގަމުންދަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ފެނަކައިން މިރޭ ބުނެފިއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން އަޅާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ކުންފުނީގެ މުދަލާއި ޚިދުމަތް އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި އެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދަނީ ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އިތުރު މޮނިޓަރިން ނިޒާމެއް ގާއިމުކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން ފެނަކައިގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާ ކުރުމަށާއި ސްޓޭކްހޯލްޑަރުންނާ މުއާމަލާތް ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރިޕޯޓުކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް ޓަކައި ކުންފުނިން ކުރެވެން ހުރި ކަންކަން ދެނެގަނެ، އެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.