އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގެ ތަހްގީގު ނިންމައި ދައުވާކުރަން މަސައްކަތްކުރަނީ
ސަން
2 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:51
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުގެ މައްސަލައެއްގެ ތަހްގީގު ނިންމައި ދައުވާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިއަދު ވަނީ، ފެނަކަ ކޯޕަރޭޝަންގެ ޚިޔާނާތާއި އެމްއެމްޕީއާރުސީ ޚިޔާނާތުގެ ބައެއް ކަންކަން ހިއްސާކޮށްފައެވެ.
އެގޮތުން، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނޭހެން ވަކި ބައެއްގެ މައްޗަށް ދައުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކޮށް، އެ އިދާރާއަށް ހުށަހެޅުމަށް މިދިޔަ ޖެނުއަރީ މަހުގެ 19ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ދަންނަވާފައި ވާނެ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ.