އެމްޑީޕީއަށް ''ފުލުހުން މެދުވެރިކޮށް އިންޒާރު ދިނުން'' ޑިމޮކްރެޓްސްގެ މާލޭގެ ކައުންސިލަރުން ކުށްވެރިކޮށްފި
ސަން
3 އޮކްޓޯބަރު 2025 | ހުކުރު | 7:55
ސަރުކާރު ހިންގާ ޕީއެންސީގެ އިސް އޮފިޝަލުން، އެމްޑީޕީގެ އެއްވުމާ ގުޅިގެން ފުލުހުން މެދުވެރިކޮށް އިންޒާރު ދީ ބިރު ދައްކަމުންދާ ކަމަށް ބުނެ، މާލޭގެ ދެ ކައުންސިލަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ ކައުންސިލަރު ސައިފް ފާތިހާއި ގަލޮޅު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސްގެ ކައުންސިލަރު މަރްޔަމް ނާޒިމާ މުހައްމަދު ފާއިޒް ސޮއިކުރައްވައި ނެރުއްވި ބަޔާނުގައިވަނީ، ޚިޔާލު ފާޅުކުރުމާއި، މުޒާހަރާ ކުރުމާއި، ސުލްޙަވެރި ސިޔާސީ ޙަރަކާތަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ކަމަށެވެ.
އެ ބަޔާނުގައިވަނީ އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބާއްވަން ނިންމާފައިވާ "ލޫޓުވައިފި" އެއްވުމާ ގުޅިގެން ސަރުކާރު ހިންގާ ޕާޓީގެ އިސް އޮފިޝަލުން ޢާންމުންގެ ތެރޭގައި ބިރުވެރިކަމާއި، ނުތަނަވަސްކަން ފެތުރޭ ގޮތަށް ވާހަކަދައްކަމުން ގެންދާ ކަމަށެވެ. އަދި ފުލުހުން މެދުވެރިކޮށް އިންޒާރު ދެމުންދާ ކަމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭހެން އެއްވުމުގައި ބައިވެރިނުވާން އަންގަމުން ދާ ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.