ރޭގެ އެއްވުމުގެ ބައިވެރިން މިނިވަންކުރަން ގޮވައިލައި، އެމްޑީޕީން އަތޮޅުވެހި ކައިރިއަށް އެއްވެއްޖެ

ސަން

4 އޮކްޓޯބަރު 2025 | ހޮނިހިރު | 11:28

ރޭ އެމްޑީޕީން ބޭއްވި "ލޫޓުވައިފި" އެއްވުމުގައި ހައްޔަރުކޮށް ބަންދު މުއްދަތު ޖެހި ހަ މީހުން މިނިވަންކުރަން ގޮވައިލައި، އެ ޕާޓީގެ ބައެއް އާންމު މެންބަރުން އަތޮޅުވެހި ކައިރިއަށް އެއްވެއްޖެއެވެ.

މިރޭ ކުއްލި ގޮތަކަށް ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ނިމުމާއެކު، ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށި ޖަގަހަ ސަރަހައްދުން އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ހިނގާލުމެއް ފަށައިފައެވެ.

ހިނގައިލުމުގެ ބައިވެރިން ދިޔައީ، ރޭ ހައްޔަރުކޮށް މިއަދު، ބަންދަށް މުއްދަތު ޖެހި އެންމެން މިނިވަން ކުރަން އަޑުގަދަކުރާއިން ގޮވައިލަމުންނެވެ. ފުލުހުންގެ ބަންދުގައި މީހުން ބައިތިއްބާ އަތޮޅުވެއްސާ ހަމައަށް މި ހިނގާލުން ކުރިއަށް ގެންގޮސް އެ ތަނުގައި އިރުކޮޅަކު ތިބުމަށްފަހު އަނެއްކާ ވެސް އެ ހިނގާލުމުގެ ބައިވެރިން ވަނީ، އެމްޑީޕީ ޖަގަހައާ ދިމާއަށް ދިއުމަށް މިސްރާބު ޖަހައިފައެވެ.

މައުޟޫޢުތަށް