ކުރީގެ 3 މިނިސްޓަރުން އޭސީސީއަށް ހާޒިރުކުރަނީ އެއްވުމަށް ހުރަސްއަޅަން، ކުރަނީ ދޮގު ތުހުމަތު: އެމްޑީޕީ
ސަން
10 އޮކްޓޯބަރު 2025 | ހުކުރު | 4:55
މިދިޔަ އެމްޑީޕީ ސަރުކާރުގެ ތިން މިނިސްޓަރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކުރުމަށް ޗިޓު ފޮނުވީ ސިޔާސީ ބޭނުމުގައި އެއްވުމަށް ހުރަސްއަޅަން ކަމަށާއި އެ ބޭފުޅުންގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު އޭސީސީއަށް ހާޒިރުވާން އަންގާ ޗިޓު ވަނީ ފޮނުވާފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ބޭފުޅުން އޭސީސީއަށް ހާޒިރުކުރުމަށް ޗިޓު ފޮނުވާފައިވަނީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމުގައި ކަމަށެވެ. އެ ބޭފުޅުންގެ މަައްޗަށް އޭސީސީން ކުރަނީ ދޮގު ތުހުމަތުތަކެއްކަން، މައްސަލައިގެ ޒާތުން ވެސް އެނގޭކަން އެ ޕާޓީން ފާހަގަކުރިއެވެ.