ގަވައިދާ ޚިލާފަށް ކުއްޔަށް ދޫކޮށްފައިވާ ފުލެޓުތައް އަތުލަން، ބަލައި ފާސްކުރަން ފަށަނީ
ސަން
11 އޮކްޓޯބަރު 2025 | ހޮނިހިރު | 5:08
ސަރުކާރުން ދޫކުރާ ސޯޝަލް ހައުސިން ފްލެޓުތައް ގަވައިދާ ޚިލާފަށް ކުއްޔަށް ދޭ މައްސަލަ ބޮޑުވެފައިވުމުން، އެފަދަ ފުލެޓުތައް ހޯދައި އަތުލުމަށް، ފުލެޓުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މުއްތަލިބު އެފަދައިން ވިދާޅުވީ، ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅައިފައިވާ 4،000 ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން ފެށުމާއެކު، އެ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދިނުމަށް އިޝްތިހާރު ކުރި މައްސަލަތަކެއް ފެންމަތިވި ފަހުންނެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހަވާލުވެފައިވާ އެ ފުލެޓުތަކުގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތައް ވެސް، އެ ފުލެޓުތަކުގެ ވެރިންގެ އަތުން ނަގާ ކުއްޔަށް ވުރެ މާ ބޮޑު އަގުތަކުގައި އެހެން މީހުންނަށް ކުއްޔަށް ދިނުމަކީ އާންމު ކަމެކެވެ.