އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ނުފެނޭ، އެދެނީ އެކަމާ ދެކޮޅަށް ވޯޓުދޭން: އަޒާން
ސަން
11 އޮކްޓޯބަރު 2025 | ހޮނިހިރު | 9:09
އައްޑޫގައި މި މަހުގެ 25ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި އެއް ކައުންސިލެއްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލް ބާއްވައި، އެ ސިޓީގެ ރަށްތަކުގައި ވަކިވަކި ކައުންސިލްތައް ޤާއިމްކުރުމާ ދެކޮޅަށް ވޯޓުދޭން އައްޑޫ ރައްޔިތުންގެ ކިބައިން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫޤު މިރޭ އެދިވަޑައިގެންފިއެވެ.
މިހާރު އައްޑޫގެ ކައުންސިލް އެކުލެވިފައިވާ ގޮތާ މެދު އެ ސިޓީގެ ފޭދުއާއި ހުޅުދުއާއި މީދޫގައި މި މަހުގެ ފަހުކޮޅު ޚިޔާލު ހޯދުމުގެ ވޯޓު ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އާދީއްތަ ދުވަހެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 25ވަނަ ދުވަހު އެ ތިން އަވަށުގައި ޚިޔާލު ހޯދުމުގެ ވޯޓު ނަގާނެކަން އިއުލާނުކޮށްފައެވެ.
މިކަމާ ގުޅިގެން 'އެކްސް'ގައި އަޒާން އައްޑޫ ބަހުރުވައިން ލިޔުއްވިގޮތުގައި، ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫގެ ރައްޔިތުންނާއި ސިޔާސީވެރިންނަށް އޮތް އެންމެ ބޮޑު ބާރަކީ މާލެ ފިޔަވައި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ގޮތުގައި އެއް އަޑަކުން އަޑު އިއްވުމުގެ ފުރުސަތު އޮތުމެވެ.