މިނިސްޓްރީއަކީ ހަމައެކަނި ޚުތުބާ ލިޔާ ތަނެއް ނޫން، މަސައްކަތްކުރަނީ ރައީސްގެ އިރުޝާދާ އެކު ގައުމު ސަލާމަތްކުރަން: ޝަހީމް
ސަން
12 އޮކްޓޯބަރު 2025 | އާދިއްތަ | 2:26
އިސްލާމިކް މިނިސްޓްރީއަކީ ހަމައެކަނި ޚުތުބާ ލިޔާ މުއައްސަސާއެއް ނޫން ކަމަށާއި، އެ މިނިސްޓްރީން މަސައްކަތްކުރަމުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ލަފާފުޅާއި އިރުޝާދުގެ ދަށުން ރާއްޖެ "ސަލާމަތްކުރުމަށް" ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ޤުރުއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ ސަލާމަތްކުރެވެން އޮތީ އެކަތިގަނޑެއްގެ ގޮތުގައި ދިވެހީން އޮވެ، މެދުމިންކަމުގެ އިސްލާމީ މަންހަޖުގެ މަތިން ދިވެހީން ތަރުބިއްޔަތުކޮށްގެން ކަމަށެވެ.
"މި ރާއްޖެ ސަލާމަތްކުރެވެން އޮތީ އަޅުގަނޑުމެން އެކަތިގަނޑެއްގެ ގޮތުގައި އޮވެ، މި ދުވަސްތައް ދަމަހައްޓައިގެން، މި ހެޔޮކަން ނަގަހައްޓައިގެން، ސުލްހަވެރިކަން ޤާއިމްކޮށްގެން، އަޅުގަނޑުމެންގެ ދަރީން އެކިއެކި ފިކުރުތަކުން ސަލާމަތްކޮށް، އަޅުގަނޑުމެން މެދުމިންކަމުގެ އިސްލާމީ މަންހަޖުގެ މަތިން ރާއްޖެ ތަރުބިއްޔަތުކޮށް[ގެން]،" ޝަހީމް ވިދާޅުވިއެވެ.