ދެމަފިރިންގެ ތެރެއިން އެކަކަށް ކުރިން ފުލެޓެއް ލިބިފައިވާނަމަ، ގެދޮރުވެރިޔާ ފުލެޓް ނުދީވޭތޯ ބެލިން: މުއްތަލިބު
ސަން
12 އޮކްޓޯބަރު 2025 | އާދިއްތަ | 11:32
ދެމަފިރިންގެ ތެރެއިން އެކަކަށް ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައިވާނަމަ، އޭގެ ތެރެއިން، ކުރީގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ފުލެޓަށް ޝަރުތު ހަމަވީ މީހާއަށް ފުލެޓު ނުދީވޭތޯ ބެލި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ، ދެމަފިރިންގެ ތެރެއިން އަނބިމީހާ ނުވަތަ ފިރިމީހާއަށް އެހެން ސްކީމަކުން ގެދޮރު ލިބިފައިވާނަމަ ފްލެޓު ނުދީވޭތޯ ސަރުކާރުން މަސައްކަތްކުރި ނަމަވެސް، އިއުލާނުކޮށްފައިވާ އުސޫލުތަކަށް ބަލާއިރު ދެމަފިރިއަކަށް ވަކިން ދެ ފްލެޓު ދިނުން މަނާކުރާ އެއްވެސް ގާނޫނެއް ނުވަތަ ގަވައިދެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ، އެހެން ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓު ލިބުނު މީހުންނަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނެކަމަށް ކަނޑައަޅައި އެއްބަސްވުމުގައި ސޮއިކޮށްފައިވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.