ޖީޕީއައިއިން ސުލްހައިގެ މަސައްކަތަށް ގޯލްޑެން ވިންގް އޮފް ޕީސް އިފުތިތާހުކޮށްފި، ޚާއްސަ ޝަރަފެއް ސިޔާމަށް
ސަން
12 އޮކްޓޯބަރު 2025 | އާދިއްތަ | 10:52
ދެމެހެއްޓެނިވި ތަރައްގީއާއި ތައުލީމާއި ބައިނަލްއަގުވާމީ ގުޅުންތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ގްލޯބަލް ޕީސް އިންސްޓިއުޓާއި އިމްޕެކްޓް ހަބް ޔޫއޭއީން ބޭއްވި ގްލޯބަލް ޕީސް ހޮސްޕިޓާލިޓީ ސަމިޓުގައި، އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވެސް ބާނީއެއްގެ ގޮތުގައި ހިމެނިވަޑައިގެން، ގޯލްޑެން ވިންގް އޮފް ޕީސް މޫވްމެންޓް އިފުތިތާހުކޮށްފިއެވެ.
ގްލޯބަލް ޕީސް އިންސްޓިޓިއުޓް (ޖީޕީއައި)އާއި އިމްޕެކްޓް ހަބް ޔޫއޭއީ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ގްލޯބަލް ޕީސް ހޮސްޕިޓާލިޓީ ސަމިޓް 2025، ހަޔަތު ރީޖެންސީ ދުބާއީގައި ބާއްވައިފައެވެ. މީގެ ކުރިން ލަންޑަނާއި ސްކޮޓްލެންޑާއި ސިންގަޕޫރާއި މެލޭޝިއާއާއި ތައިލެންޑުގައި މި ސަމިޓު ބާއްވައިފައިވާއިރު، މިއީ މެދުއިރުމަތީގައި މި ސަމިޓް ބޭއްވި ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ސަމިޓުގައި، ސުލްހަވެރިކަން ކުރިއެރުވުމުގައި ހޮސްޕިޓާލިޓީގެ ދައުރާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް، 46އަށް ވުރެ ގިނަ ގައުމުން 200 ލީޑަރުންނާއި ޑިޕްލޮމެޓުންނާއި ވިޔަފާރިވެރިންނާއި އިންފްލުއެންސަރުން ބައިވެރިވިއެވެ.