ކުއްޔަށް އުޅޭ މީހުންގެ ނަމަށް ބިލުތައް ބަދަލުކުރުމުގެ ގަވައިދާ ގުޅޭ ކަންބޮޑުވުންތަކެއް؛ އިސްލާހުކުރަނީ
ސަން
13 އޮކްޓޯބަރު 2025 | ހޯމަ | 9:21
ކުއްޔަށް ދީފައިވާ ތަންތަނުގެ ފެނާއި ކަރަންޓު، ގޭގެ ވެރިފަރާތަށް ބިލުކުރުމުގެ ބަދަލުގައި، އެ ތަނެއް ކުއްޔަށް ހިފައިގެން އުޅޭ މީހަކަށް ބިލުކުރެވޭ ގޮތަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެކުލަވާލި ގަވައިދާ ގުޅޭ ގޮތުން ކުންފުނިތަކުގެ ކަންބޮޑުވުން ހުރުމުން އެ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ވަނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު އިސްލާހުކޮށްފައެވެ. އެ އިސްލާހުގައި ވަނީ، ފެނާއި ކަރަންޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ބިލު ދެއްކުމުގައި ދިމާވާ ދަތިތަކަށް، އިސްލާހާއެކު ހައްލެއް ލިބޭނެ ކަމަށެވެ. އަދި ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
އެ އިސްލާހުގައިވަނީ، ފެނާއި ކަރަންޓު ފަދަ އާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ޚިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަން ވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށްވީ ނަމަވެސް، އެ ޚިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްފައިވާ ފަރާތުން ނޫން ނަމަ، އެ ޚިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރުމަށް ކަނޑައަޅައިފައެވެ.