ސިނގިރޭޓު ވައްކަން: ކަންބޮޑުވުންތަކާ އެކު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 11:35
ވަގަށް އެތެރެކުރަން އުޅެނިކޮށް ހުއްޓުވައި، ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު 'ވަގަށް ނެގި' މައްސަލައިގައި ގައުމީ ސަލާމަތަށް ނުރައްކާވާކަމުގެ ކަންބޮޑުވުމާ އެކު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްނުކޮށް، ބޭރުކޮށްލައިފިއެވެ.
ދެ ކޮންޓެެއިނަރުގައި ހުރި ޖުމުލަ 13.6 މިލިއަން ސިނގިރޭޓު ވަނީ ވަގަށް ނަގާފައެވެ. އެ މައްސަލަ ފެންމަތިވީ ވެސް ވައްކަންކުރިތާ ދުވަސްތަކެއް ފަހުންނެވެ.
އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރަހިމް ނާޒިލް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގައި އޭނާ ވިދާޅުވީ، އެ ކަމުގެ ސަބަބުން ގައުމީ ސަލާމަތަށް އިންތިހާއަށް ނުރައްކާވާނެ ފަދަ ކަންތައްތަކެއް ފެންމަތިވެފައިވާތީ އެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރުން މުހިންމު ކަމަށެވެ.