ވެންޓިލޭޓަރު ޚިޔާނާތް: ދުބާއީގެ ވަކީލުންނަށް 208,500 ރުފިޔާ ޚަރަދުވި
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 12:46
ކޮވިޑް-19ގެ ދުވަސްވަރު ދުބާއީ ކުންފުންޏަކަށް ފައިސާ ދެއްކި ނަމަވެސް އޯޑަރުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލަ ޔޫއޭއީގެ ކޯޓަކަށް ހުށަހަޅައިގެން ކުރިއަށްގެންދިޔުމަށް، ދުބާއީގެ ވަކީލުން އައްޔަންކުރަން ގާތްގަނޑަކަށް 50،000 އޭއީޑީ ނުވަތަ 208,500 ރުފިޔާ ޚަރަދުވި ކަމަށް ލަފާކުރެވޭ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުއްވެއްޖެއެވެ.
މިދިޔަ ހަފުތާގައި، ދުބާއީގެ ކޯޓަކުން ވަނީ، ކޮވިޑް-19ގެ ދުވަސްވަރު ދިވެހި ސަރުކާރުން ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ފައިސާ ދެއްކި ނަމަވެސް، އޯޑަރުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި, އެ ކުންފުނި ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން އަމުރުކޮށްފައެވެ.
އެ މައްސަލައިގައި އިތުރު ބައެއް ތަފުސީލުތައް އޭޖީ އުޝާމް މިއަދު ވަނީ، ރައްޔިތުންގެ މަޖިލީހުގައި ހިއްސާކުރައްވާފައެވެ.