ޢާއިޝަތު ޢަލީއަށް ކުރާ ތުހުމަތު އޭސީސީއަށް ވެސް ސާފުވާހެން ހިއެއްނުވޭ: ވަކީލު
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 12:22
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރާ ތުހުމަތުތައް އެ ކޮމިޝަނަށް ވެސް ސާފުވާހެން ހީނުވާ ކަމަށް ޢާއިޝަތު ޢަލީގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދު މައުރޫފް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން މައްސަލައިގައި ކުރީގެ ތިން މިނިސްޓަރަކު ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ. މީގެ ކުރިން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހާޒިރުކުރިއިރު މިއަދު ވަނީ ޢާއިޝަތު ޢަލީ ވެސް އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
އޭސީސީން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަކީލު މައުރޫފް ވިދާޅުވީ، ޚުދު އޭސީސީގެ ބޭފުޅުންނަށް ވެސް މި މައްސަލައިގައި ޢާއިޝަތު ޢަލީއަށް ކުރެވޭ ތުހުމަތު ސާފުވާހެން ހީނުވާ ކަމަށެވެ. ތުހުމަތު ސާފުކޮށްދޭން ވަރަށް ގިނަ ވަގުތު ހޭދަވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.