އެއާޕޯޓުތައް އަޅަނީ މާލީ ގޮތުން ދެކޮޅު ނުޖެހޭ ގޮތަކަށް، ދައްކައިދެނީ ޒިންމާދާރުކަން ކުޑަކަން: ނަޝީދު
ސަން
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:16
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއާޕޯޓުތައް އަޅަން ހަވާލުކުރަމުން ދަނީ މާލީ ގޮތުން ދެކޮޅު ނުޖެހޭ ގޮތަކަށް ކަމަށާއި، އެކަމުން ދައްކުވައިދެނީ ޒިންމާދާރުކަން ކުޑަކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް 30 މިނެޓުތެރޭ ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަށަވަރު ކުރުމެވެ. އެގޮތުން ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ބައެއް ރަށްރަށުގައި އައު އެއާޕޯޓުތައް އެޅުމުގެ މަސައްކަތްތައް ފައްޓަވައި ދެއްވައި އެ މަސައްކަތަށް ނަގާނެ މުއްދަތު އިއުލާންކުރައްވައެވެ.
ރައީސް މިހާރު ގެންދަވަނީ ށ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ. އެ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަނީ، އެ އަތޮޅު މިލަންދޫ، ބިލެތްފެހި އަދި ކޮމަންޑޫގައި އެއާޕޯޓުތައް އެޅުމުގެ މަސައްކަތް ފަށްޓަވައިދެއްވައިފައެވެ. އެ އަތޮޅު ފުނަދޫގައި މިހާރު އެއާޕޯޓެއް އޮވެއެވެ.