ޑޮލަރު ފޮނުވުމުގެ ލިމިޓަކީ ބޭރު ޓީޗަރުންނަށް އިތުރު ބުރައެއް، ބަދަލުކުރާނެ ކަމަށް އުއްމީދުކުރަން: އައިޝަތު އަލީ
ސަން
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:59
އަވަށްޓެރި އިންޑިއާގެ މައި ބޭންކު ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ހިންގާ ރާއްޖޭގެ ބްރާންޗުން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް ބޭރަށް ފައިސާ ފޮނުވޭ މިންވަރު މަދުކުރުމުން، ރާއްޖޭގައި ކިޔަވައިދޭ އިންޑިއާ މުދައްރިސުންނަށް ދަތިވާނެ ކަމަށް ވިދާޅުވެ، އެ ނިންމުން ބަދަލުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަަލީ ވިދާޅުވެއްޖެއެވެ.
އެސްބީއައިގެ ރާއްޖޭގެ ބްރާންޗަށް ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން، އެ ބްރާންޗުން ނިންމީ މި މަހުގެ 25ވަނަ ދުވަހުން ފެށިގެން އިންޑިއާ ރައްޔިތުންނަށް ފޮނުވޭ ފައިސާ 400 އެމެރިކާ ޑޮލަރުން 150 ޑޮލަރަށް މަދުކުރުމަށެވެ. މިކަމާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ބައެއް ރައްޔިތުންވެސް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އައިޝަތު އަލީ ލިޔުއްވާފައިވާ ގޮތުގައި، ރާއްޖޭގައި ކިޔަވައިދޭ އިންޑިއާ މުދައްރިސުން ފައިސާ ފޮނުވަނީ އެ މީހުންގެ އާއިލާތަކަށް އެހީވުމަށެވެ. އަދި ދިވެހި ދަރިވަރުންނަށް އިންޑިއާ މުދައްރިސުން ކިޔަވައިދެމުން އަންނަނީ އަޅާލުމާއި އޯގާތެރިކަން އިސްކޮށްގެން ކަމަށްވެސް، އޭނާގެ ޕޯސްޓުގައިވެއެވެ.