ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ތިންވަނަ މީހާ އަދިވެސް ނުފެނޭ
ސަން
17 އޮކްޓޯބަރު 2025 | ހުކުރު | 3:10
މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދާ ތިންވަނަ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.
ޖުމުލަ ހަތް މީހުންނާ އެކު، ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި "އަލްމާކް ފިޔަ" ކިޔާ އެ ކޮޅުވެއްޓިން ދަތުރުކުރި ހަތަރު މީހުން ވަނީ ސަލާމަތްކޮށްފައެވެ. ސިފައިންނާއި ފުލުހުން ގުޅިގެން އެ ހާދިސާގައި ގެއްލިގެން ހޯދަން ފެށީ ޖުމުލަ ތިން މީހުންނެވެ.
އޭގެ ތެރެއިން ދެ މީހުން މިހާތަނަށް ފެނިފައިވާއިރު، އެ ދެ މީހުން ވެސް ފެނުނީ މަރުވެފައި އޮއްވައި ކަނޑު އަޑިންނެވެ. އެއީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާނާއި ބިދޭސީއެކެވެ.