ޕީއެންސީގެ ތާއީދާ އެކު އާ ކޮމިޝަންގެ މެންބަރުންނަށް ރުހުން ދީފި
ސަން
21 އޮކްޓޯބަރު 2025 | އަންގާރަ | 1:39
ވޯޓު ނެގުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރަން ތަޅުމަށް ފޮނުވި ނަންތަކަށް އިއްޔެ ވޯޓަށް ނޭހުނު ނަމަވެސް، މިއަދު ވޯޓަށް އަހައި މެންބަރުން އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފިއެވެ.
މި ހަފުތާގެ އާދީއްތަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ އާ ކޮމިޝަނަށް ނަންތައް ހުށަހެޅި ފަރާތްތަކާ އިންޓަވިއުކޮށް، އެ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތާއި އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގުގެ އިތުރުން، އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތުގެ ނަން ތަޅުމަށް ފޮނުވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި އިއްޔެ ހަމަނުވުމުން ވޯޓު ނެގޭ ގޮތް ނުވި ނަމަވެސް، މިއަދު ވަނީ މެންބަރުން އައްޔަންކުރުމާ މެދު ވޯޓަށް އަހައިފައެވެ.