ޒާޔާއާއި އިތުރު ދެ މީހަކު "ލޫޓުވައިފި" މުޒާހަރާއާ ގުޅުވައި ފުލުހަށް ހާޒިރުކުރަނީ
ސަން
21 އޮކްޓޯބަރު 2025 | އަންގާރަ | 3:42
މި މަހުގެ ތިންވަނަ ދުވަހު، އިދިކޮޅު އެމްޑީޕީން ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅުވައި، އެ ޕާޓީގެ މެންބަރެއްކަމަށްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ)އާއި އިތުރު ދެ މީހަކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުންގެ ޗިޓުގައިވާ ގޮތުން އެ ތިން މީހުން ވެސް ފުލުހަށް ހާޒިރުވާން އެންގީ، ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅުމާއި، ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދައިކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމަށް ތުހުމަތުކޮށް ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެންނެވެ.
އެ މެންބަރުން ހާޒިރުކުރަނީ ތަހުގީގު ބަޔާން ނެގުމަށާއި، ސީސީޓީވީ ކޮމްޕެރިޒަން ފޮޓޯ ނެގުމަށްކަމަށް ޗިޓުގައިވެއެވެ.