ނޫނެކޭ ބުނަން ނުކުރޭނަމަ އެމްއެމްއޭއާއި ޕެންޝަން އޮފީހުގެ ބޯޑު މެންބަރުން އިސްތިއުފާދޭން ފައްޔާޒު ގޮވައިލައްވައިފި
ސަން
22 އޮކްޓޯބަރު 2025 | ބުދަ | 10:21
މި ސަރުކާރުން އުޅެނީ ރައްޔިތުންގެ ޕެންޝަން ފަންޑު ދޮވެލުމަށް ކަމަށް ތުހުމަތުކުރައްވައި، އެފަދަ ކަންކަމަށް ނޫނެކޭ ބުނަން ނުކުރޭނަމަ މަރުކަޒީ ބޭންކު އެމްއެމްއޭއާއި ޕެންޝަން އޮފީހުގެ ވެރިން އިސްތިއުފާދެއްވުމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ގޮވާލައްވައިފިއެވެ.
ފައްޔާޒް "އެކްސް"ގައި ލިޔުއްވިގޮތުގައި އެއާޕޯޓުތައް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ފުނޑާލައި، އެމްއެމްއޭއާއި ގައުމީ ބޭންކު ބީއެމްއެލް ލޫޓުވައި ނިންމާލުމަށް ފަހު، ސަރުކާރުން މިހާރު މަސައްކަތްކުރަނީ ރައްޔިތުންގެ ޕެންޝަން ފަންޑު ދޮވެލުމަށެވެ.
"ގާނޫނާ ޚިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް. އަދި ސަރުކާރު ދެކެ ބިރުން ނުވަތަ ޒާތީ މަންފާއަކަށް ގައުމާއި ރައްޔިތުންނަށް ގެއްލުންދިނުމުގައި ބައިވެރިވުމަކީ އުޒުރެއް ނޫން، އަދި ބަލައިގަނެވޭނެ ކަމެއް ނޫން،" ފައްޔާޒުގެ ޕޯސްޓުގައިވެއެވެ.