އިޒްރޭލު ރައްޔިތުން ހުޅަނގު އައްސޭރީގައި ވަަޒަންވެރިކުރުވަން ނިންމުން ރާއްޖޭން ކުށްވެރިކޮށްފި
ސަން
23 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:31
ފަލަސްޠީނުގައި އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ތަންތަނުގައި ވަޒަންވެރިވާން އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުން، ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުން މިފަދައިން ބަޔާނެއް ނެރުނީ ހުޅަނގު އައްސޭރީގައި ގަވާއިދާ ހިލާފަށް ވަޒަންވެރިވުމުގެ މައްޗަށް އިޒްރޭލުގެ އިސްތިގުލާލު ޝަރުއީ ކުރުމަށް މަސައްކަތްކުރާ ދެ ގާނޫނުގެ ޑްރާފްޓްތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެެވެ.
އިޒްރޭލު މަޖިލީހުގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމަށް ބެލެވޭ ނުރައްކާތެރި ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށް މި ބަޔާނުގައި ވެއެވެ. އެއީ، އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ފުރުސަތު އިތުރަށް ނުރައްކަލުގެ ތެރެއަށް ވައްޓާލާ ކަމެއްގެ ގޮތުގައި ރާއްޖެއިން ސިފަކޮށްފައިވެއެވެ.