މާލޭން ގޯތި ބެހުމުން 13 ބިލިއަން ގެއްލުންވި، ގޯތިތައް ދައުލަތަށް ނަގަންޖެހޭ: ފަލާހް
ސަން
28 އޮކްޓޯބަރު 2025 | އަންގާރަ | 2:19
ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ހިލޭ ބިން ދޫކުރުމުން ދައުލަތަށް 13 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް ވިދާޅުވެ، އެ ގޯތިތައް އަނބުރާ ދައުލަތަށް ނަގަން ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ޚިޔާލު ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފުލެޓުތައް ހަވާލުކުރުން ލަސްވާ މައްސަލައިގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ފަލާހު މިއަދު ވިދާޅުވީ، އެމްޑީޕީން ގޯތި ދޫކޮށްފައި ހުރީ ކަނޑު އަޑިން ކަމަށެވެ.
މިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހިލޭ ގޯތި ދޫކުރީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް، އިންތިޚާބުގައި ވޯޓު ހޯދުމުގެ ބޭނުމުގައި ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ.