މަނީ ލޯންޑަރިން ފަދަ މާލީ ކުށްތައް ޕްރޮސެކިއުޓުކުރުމުގެ ތަމްރީނު ހޯދަން ޗައިނާއާ މަޝްވަރާކޮށްފި
ސަން
29 އޮކްޓޯބަރު 2025 | ބުދަ | 5:44
މަނީ ލޯންޑަރިން ފަދަ މާލީ ކުށްތައް ޕްރޮސެކިއުޓުކުރުމުގެ ތަމްރީނު ހޯދަން, ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން، ޗައިނާގެ ޕްރޮސެކިއުޓަލް ޒިންމާތައް އަދާކުރާ އެންމެ އިސް އިދާރާ ކަމަށްވާ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓާއެކު މަޝްވަރާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ، ޗައިނާގެ ވަފުދެއް ރާއްޖެ އައީ ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފްގެ ދައުވަތަކަށް ކަމަށެވެ. އެ އޮފީހުން މިއަދު ހޮޓެލް ޖެންގެ ބޯލްރޫމްގައި ވަފުދާ ބައްދަލުކޮށްފައިވާއިރު، އެ ވަފުދުގައި އިސްކޮށް ހުންނެވީ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓުގެ ދާއިމީ ޕްރޮކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގް އެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓުގެ ވަފުދާ އެކު ރާއްޖޭގެ ޕީޖީ އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމާއި އެ އޮފީހުގެ އުމްރާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްގީކުރުމުގައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.