ހުށަހެޅީ އިޖުތިމާއީ ހަގީގަތާ ދުރު ބަޖެޓެއް، ހާލަތު ރަނގަޅު ވާނެ ކަމުގެ އުއްމީދެއް ނުލިބޭ: ޝާހިދު
ސަން
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:25
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ އިގުތިސާދުގެ އަސާސްތަކާއި އިޖުތިމާއީ ހަގީގަތްތަކާ ދުރު ބަޖެޓެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މިއަދު ސިފަކުރައްވައިފިއެވެ.
'އެކްސް'ގައި ޝާހިދު ލިޔުއްވިގޮތުގައި، މި ސަރުކާރުން މި އަހަރު ބަޖެޓް ސަޕޯޓަށް ހަތް ބިލިއަން ހޯދަން މަސައްކަތް ކުރި ނަމަވެސް، ބޭރުގެ އެއްވެސް މާކެޓަކުން ވެސް ދޭދޭ ގައުމުތަކުން ވެސް ރާއްޖެއަށް އެހީގެ ގޮތުގައި ލޯ ލާރިއެއްވެސް ނުލިބެއެވެ.
އެކަމުން ރަމްޒުކޮށްދެނީ ރާއްޖޭގެ އިގުތިސާދީ ސިޔާސަތާއި ޚާރިޖީ ސިޔާސަތު ވެސް ފެއިލްވެފައި އޮތްކަން ކަމަށް، އޭނާ ލިޔުއްވާފައިވެއެވެ.