ނޮވެމްބަރު 3ގެ ޝަރަފުގެ ޚާއްސަ އައްޑަނައެއް ރައީސް މައުމޫނަށް އަރުވަނީ
ސަން
2 ނޮވެމްބަރު 2025 | އާދިއްތަ | 2:42
ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ނޮވެންބަރު ތިނެއްގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށްވެސް ރައީސް މުޢިއްޒު ނިންމަވާފައިވެއެވެ. މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޖަލްސާ ފެށޭނީ މާދަމާ ހެނދުނު 9:00ގައެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް މައުމޫނަށް އައްޑަން އެރުވުމަށް ނިންމެވީ، ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާ ގުޅިގެން ކަމަށެވެ. އަދި އެ ދުވަހުގެ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، އާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.