އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ހިއުމަން ރައިޓްސްގެ ސެކްރެޓަރީ ޖެނެރަލްއަކަށް ޝަހިންދާ
ސަން
5 ނޮވެމްބަރު 2025 | ބުދަ | 10:11
ފޭސްބުކުގައި އިއްޔެ ކުރި ޕޯސްޓެއްގައި މިކަން އިއުލާންކުރަމުން ޝަހިންދާ ވިދާޅުވީ އޭނާ އެފްއައިޑީއެޗްއަށް ހޮވުމަކީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށެވެ. ޝަހިންދާ ވަނީ އޭނާއާ އެއްކޮށް އެފްއައިޑީއެޗްގެ ބޯޑަށް ހޮނިހިރު ދުވަހު އިންތިހާބުވި ހުރިހާ ބޯޑު މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ.
ޝަހިންދާއަކީ އެފްއައިޑީއެޗްއަށް އިންތިހާބުވި ރާއްޖެއަށް ނިސްބަތްވާ ހަމައެކަނި މެންބަރެވެ. އޭނާއާ އެއްކޮށް މި ޖަމްއިއްޔާގައި ޖުމްލަ ހަތަރު ސެކްރެޓަރީ ޖެނެރަލުން އިންތިހާބުކޮށްފައިވެއެވެ. އެއީ ކޮލަމްބިއާއަށް ނިސްބަތްވާ ސޮރާޔާ ގުޓިއެރޭޒް އާގެއްލޯ، އަލްޖީރިޔާގެ ރައްޔިތެއް ކަމުގައިވާ އައިސާ ރަހްމޫން އަދި ކޮޓް ޑި އިވުއާއަށް ނިސްބަތްވާ ޑްރިސާ ޓްރައޮރޭއެވެ.
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މަސައްކަތްކުރާ އެފްއައިޑީއެޗް އަކީ 1922 ވަނަ އަހަރު އުފައްދާފައިވާ މިހާރު 100 އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން މައިގަނޑުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަހަމަކަމާ އިންސާފު ގާއިމުކުރުމަށް ހިލޭ ސާބަހަށް މަސައްކަތްތައްކުރެއެވެ.