އިގުތިސާދަށް މުހިންމު ކަމަށް ބުނެ ކޮމިޓީން އިއްޔެ ފާސްކުރި އެސްއީޒެޑް ބިލް، މަޖިލީހުން ފާސްކޮށްފި
ސަން
5 ނޮވެމްބަރު 2025 | ބުދަ | 1:21
ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް މީހުން ދިރިއުޅުމަށް ތަރައްގީކުރާ ސަރަހައްދުތަކަކީ، ނުވަތަ "ސަސްޓެއިނަބަލް ޓައުންޝިޕް"އަކީ ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން އެސްއީޒެޑު ގާނޫނަށް ހުށަހެޅި އިސްލާހު, ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު އެސްއީޒެޑް ގާނޫނަށް މިދިޔަ މަހުގެ 20ގައި ހުށަހެޅުއްވީ "ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ތަފުސީލުތައް ހިމަނައި، ގާނޫނަށް ބާބެއް އިތުރުކުރުމަށެވެ. އެ އިސްލާހުގައިވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީކުރާނަމަ އިންވެސްޓަރުން ބައި ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރަންޖެހެއެވެ.
އެ ބިލު ދިރާސާކުރުމަށް އިއްޔެ ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި، ބިލު ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އާންމުންނާއި ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދައި ބިލު ދިރާސާކުރުމަށްފަހު ފާސްކުރުމަށް ވެސް އެ ޕާޓީން އެދުނެވެ.