ހަންކެޑެގައި އާ މަޝްރޫއެއް ހިންގަން ފުރުސަތު ދިނީ ތުރުކީގެ އިންވެސްޓަރަކަށް: ރައީސް
ސަން
5 ނޮވެމްބަރު 2025 | ބުދަ | 11:50
މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ސަރުކާރަށް އައްޑޫގެ ހަންކެޑެ ނެގުމަށްފަހު އާ މަޝްރޫއެއް ހިންގަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ތުރުކީގެ އިންވެސްޓަރަކަށް ފުރުސަތުދީފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފިއެވެ.
އައްޑޫ ސިޓީ ރައްޔިތުންނާ އެކު އެ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މީގެ ކުރިން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ހަވާލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު އުވާލައްވައި އަލުން ފުރުސަތު ހުޅުވާލެއްވީ މި ސަރުކާރުން އެކަމުގައި ދޮޅު އަހަރު ހޭދަކުރުމަށްފަހު، ފައިސާގެ ކަންކަން ހަމަނުޖެހި ދިގުލައިގެން ދިއުމުން، ދާއިމީ ހައްލެއް ގެނައުމުގެ މަގްސަދުގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެގޮތަށް ހުޅުވާލި ފުރުސަތުގައި ތުރުކީގެ އިންވެސްޓަރަކު ހުށަހެޅި ޕްރޮޕޯސަލެއް ޓޫރިޒަމް މިނިސްޓްރީން ބަލައިގަތް ކަމަށެވެ. އަދި، ހަންކެޑެ މަޝްރޫއު ހަވާލުކުރިކަމުގެ ސިޓީ އެ އިންވެސްޓަރަށްދީ، އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެކުއިޒިޝަން ކޮސްޓް ދައްކަން ފުރުސަތުދީފައިވާނެ ކަމަށެވެ.