ކޮޅުވެއްޓި ދުއްވީ ލައިސަންސް ނެތް މީހެއް، ބަންޑުން ޖަހައިލީ ބެލެންސް ކަޓައިގެން: އެމްޕީއެލް
ސަން
6 ނޮވެމްބަރު 2025 | ބުރާސްފަތި | 5:54
މާލޭގައި ހުންނަ އެމްޕީއެލްގެ މައި ބަނދަރާ ދިމާލުން ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާއާ ގުޅިގެން ބެލި ބެލުމުން، އެ ކޮޅުވެއްޓި ދުއްވަން ހުރި މީހާއަކީ އެ ކަމުގެ އެއްވެސް ލައިސަންސެއް އޮތް މީހެއްނޫން ކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.
އެމްޕީއެލްގެ ދެ މުވައްޒަފަކު ނިޔާވި މި ހާދިސާގެ ތަހުގީގެއް ހިންގުމަށްފަހު ނެރުނު ބަޔާނެއްގައި އެ ކުންފުނިން މިއަދު ބުނީ، ދެ ހައިމާކު ބަރުކޮށް ދުއްވި ކޮޅުވެއްޓީގެ ކައްޕިއަކީ އެ ކަމަށް އިރުޝާދު ދިނުމުގެ ގާބިލުކަމެއް ނެތް މީހެއް ކަމަށެވެ. އަދި ކޮޅުވެއްޓި ފަދަ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޭނާގެ އަތުގައި ނެތް ކަމަށް ތަހުގީގުގެ ފުރަތަމަ ހޯދުންތަކުން ފާހަގަވި ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮޅުވެއްޓީގެ ސަލާމަތާއި އެހެނިހެން ކަންކަން ގަވައިދަށް ފެތުނު ނަމަވެސް، މުދާ ބަރުކުރާ ޑެކުގައި ލަކުޑި އަޅާފައި ނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން އެފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު ކަހާލުމުގެ ފުރުސަތު އޮތް ކަމާއި، އެއީ ކޮޅުވެއްޓީގެ ބެލެންސް ކަޓާނެ ކަމެއްކަން ފާހަގަވި ކަމަށްވެސް، އެމްޕީއެލްގެ ބަޔާނުގައިވެއެވެ.