މަޝްރޫއުތައް ބީލަމަށް ހުޅުވާނުލާ ދިނުމުން އެމްޑީޕީން ކޯޓަށް ދަނީ
ސަން
9 ނޮވެމްބަރު 2025 | އާދިއްތަ | 1:00
ބީލަމަށް ނުލައި ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ކުންފުނިތަކަށް ދިން 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވުމަށާއި އެގޮތަށް މަޝްރޫއުތައް ކެބިނެޓުން ދޭން މަގުފަހިވާ ގޮތަށް ނިންމި ނިންމުން ބާތިލްކުރަން ކޯޓަށް ދާން އިދިކޮޅު އެމްޑީޕީން މިރޭ ނިންމައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި މި ނިންމުން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ ރައީސް އަހްމަދު ސަލީމް ހުށަހެޅުއްވި ގަރާރެއް ފާސްކުރުމަށްފަހުގައެވެ.
އެ ގަރާރު ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ، ސަރުކާރުން 206 ކުންފުންޏަކާ މަޝްރޫއުތައް ހަވާލުކުރީ އިއުލާނުކުރުމެއް ނެތި، ސަރުކާރާ ގުޅުންހުރި ފަރާތްތަކުގެ ކުންފުނިތައް ފިޔަވައި އެހެން ކުންފުނިތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދީ ކަމަށާއި، އެގޮތުން ސަރުކާރުން މަޝްރޫއުތައް ދިން ކުންފުނިތަކުގެ ތެރޭގައި ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނުހިމެނޭ، އުވާލުމުގެ މަރުހަލާގައިވާ ކުންފުނިތައް ހިމެނޭ ކަމަށެވެ.