އިންޑިއާއިން ތަރައްގީކޮށްދިން ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ޚާއްސަ މަންދޫބެއް
ސަން
9 ނޮވެމްބަރު 2025 | އާދިއްތަ | 1:53
އިންޑިއާއިން ތަރައްގީކޮށްދިން ހަނިމާދޫ އެއާޕޯޓު މިރޭ ހުޅުވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި މަންދޫބު، ކިންޖަރަޕު ރާމް މޯހަން ނައިޑޫ ރާއްޖެ ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީއިން އެކްސްގައި ކުރި ޓްވީޓެއްގައި ވަނީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު، ނައިޑޫ ރަސްމީ ދަތުރުފުޅެއްގައި މިއަަދު ރާއްޖެއަށް ވަޑައިގަތް ކަމަށް ބުނެފައެވެ. އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު އޭނާއަށް ވެލާނާ އެއާޕޯޓުން މަރުހަބާ ދެންނެވި ކަމަށް ބުނެފައިވެއެވެ.
ހަނިމާދޫ އެއާޕޯޓު މަޝްރޫއަކީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. މި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.