އެހެން ގައުމުތަކުން ބޭނުން ނުކުރާ ހައްޖު ކޯޓާގެ ފުރުސަތު ރާއްޖެއަށް ހޯދަން މަޝްވަރާކޮށްފި
ސަން
9 ނޮވެމްބަރު 2025 | އާދިއްތަ | 4:06
އެހެނިހެން ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ހައްޖު ކޯޓާގެ ފުރުސަތުތައް ރާއްޖެއަށް ހޯދުމަށްޓަކައި ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސައުދީއާއެކު އެ މަޝްވަރާކުރުން ބާއްވާފައި ވަނީ ސައުދީގެ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީޤު ރަބީޢުގެ ދައުވަތަކަށް މިނިސްޓަރު ޝަހީމް އެ ގައުމަށް މިވަގުތު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.