ބަޖެޓަކުން އާމްދަނީ އިތުރުކުރާނެ ސިޔާސަތެއް، ޚަރަދު ކުޑަކުރާނެ ގޮތުގެ ތަފްސީލެއް ނެތް: އޮޑިޓް އޮފީސް
ސަން
9 ނޮވެމްބަރު 2025 | އާދިއްތަ | 4:12
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓުގައި އާމްދަނީ އިތުރުކުރާނެ ގޮތުގެ ސިޔާސަތެއް ކަނޑައަޅާފައި ނެތް ކަމަށާއި، މާލީ ޚަރަދު ކުޑަކުރާނެ ތަފްސީލުވެސް ހިމަނާފައި ނެތް ކަމަށް، އޮޑިޓަރު ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
ސަރުކާރުން ހުށަހެޅި ބަޖެޓަށް ލަފާހޯދަން ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހާޒިރުކުރުމުން އޮޑިޓަރު ޖެނެރަލް އޮފީހުގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޝާން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ދައުލަތަށް 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކޮށްފައިވަނީ ރަނގަޅު އަންދާޒާއެއް ކަމަށެވެ. ނަމަވެސް އާމްދަނީ އިތުރުކުރާނެ ސިޔާސަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދިރާސާކުރިއިރު އަޅުގަނޑުމެންނަށް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވުނީ އާމްދަނީ އިތުރުކުރާނެ ސިޔާސަތުތަކެއް ބަޖެޓުގައި ހުށަހަޅާފައި ނެތްކަން، މިގޮތުން ފާއިތުވެދިޔަ އަހަރުތަކަށް ބަލާއިރު ފާއިތުވެދިޔަ އަހަރުތަކުގެ ފިސްކަލް ސްޓްރެޓަޖީއާއި ރެވެނިއު ސްޓްރެޓަޖީ އޮތް ގޮތުން ދައުލަތުގެ 24، 25ގެ ބަޖެޓުގަވެސް އެބަހުރި އާމްދަނީ އިތުރުކުރަން ބައެއް ކަންކަން ހިމަނައިފައި. އެކަމަކު 2026ގެ ބަޖެޓަށް އައިއިރު އާމްދަނީ އިތުރުކުރާނެ ގޮތެއް ހުށަހަޅާފައި، ނުއެއް ނެތް،" ޝާން ވިދާޅުވިއެވެ.