ހަނިމާދޫ އެއާޕޯޓު ނިންމުނީ އިންޑިއާގެ އެހީ ލިބުމުން، އުތުރަށް ބޮޑު ބަދަލެއް ގެނެސްދޭނެ: އެމްޑީޕީ
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 12:49
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ކުރެވުނީ އިންޑިއާގެ އެހީ ލިބުމުން ކަމަށާއި، އެ އެއާޕޯޓާއެކު އުތުރުގެ އިގުތިސާދަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ، ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވައިދެއްވައިފައެވެ. އެ އެއާޕޯޓު ހުޅުވުމުގައި، މިއަދު ރާއްޖެ ވަޑައިގެންނެވި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫ ބައިވެރިވެވަޑައިގަތެވެ.
ހަނިމާދޫ އެއާޕޯޓު ޒަމާނީ ކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.