އަންނަ އަހަރު މެދުތެރޭ ޑޮލަރުގެ އަގު 25އަށް އަރާނެ، އެއީ ފައިސާ ޗާޕްކުރުމުގެ ނަތީޖާ: ޣަފޫރު
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 12:35
ޑޮލަރުގެ އަގު އުފުލެނީ ސަރުކާރުން ފައިސާ ޗާޕުކުރާތީ ކަމަށާއި، އަންނަ އަހަރު ޑޮލަރުގެ އަގު 25 ރުފިޔާއަށް އަރާނެ ކަމަށް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓަށް ބަހުސްކުރައްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، މި ބަޖެޓަކީ ރައްޔިތުންނަށް ކޮށްދޭން ހުރި ކަންކަން ސާފުނުވާ، ޤާނޫނާއި ޤަވައިދާ ޚިލާފަށް ހުށަހެޅި ބަޖެޓެއް ކަމަށެވެ.
ބަޖެޓުގައި ހިނގަންޖެހޭ މަޝްރޫއުތަކުގެ ތަފްސީލު އޮންނަން ޖެހޭނެ ކަމަށް ޤާނޫނުގައި އޮތް ނަމަވެސް، މިއަހަރުގެ ބަޖެޓުގައި އޭގެ އެއްވެސް ތަފްސީލެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަހަރުގެ ބަޖެޓުގައި އެކަށައަޅާފައިހުރި ބޮޑެތި މަސައްކަތްތައް ވެސް ހުރީ ނުނިމިކަމަށް ވިދާޅުވިއެވެ.