ސީއެމްޑީއޭގައި ރަޖިސްޓްރީ ނުކޮށް، އިންވެސްޓުމަންޓު ޚިދުމަތް ދޭތީ ސަމާލުވާން އެދިއްޖެ
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 9:56
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގައި ރަޖިސްޓްރީނުކޮށް, އިންވެސްޓްމަންޓް ޚިދުމަތް ދޭތީ އެކަމަށް އިންވެސްޓަރުން ސަމާލުވުމަށް ސީއެމްޑީއޭއާއި ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ސީއެމްޑީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގައި ހުއްދަ ނެތި ބައެއް މީހުން އެކި ބާވަތްތަކުގެ އިންވެސްޓުމަންޓު ޕްރޮޑަކްޓު ގަނެ ވިއްކުމުގެ ޚިދުމަތްތަކާއި އެ ޚިދުމަތްތައް މެދުވެރިކޮށް މާލީ މަންފާ ހޯދައިދިނުމަށްޓަކައި އިންވެސްޓުކުރުމުގެ ފުރުސަތު އާންމުންނަށް ހުށަހަޅާކަން އެނގިފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި، ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން އިންވެސްޓުމަންޓު ފަންޑު ހިންގުމާއި އިންވެސްޓުކުރުމަށް ލަފާ ދިނުމާއި ފަންޑު މެނޭޖުކޮށްދިނުމުގެ ޚިދުމަތް ދިނުމަކީ ސީއެމްޑީއޭއިން ލައިސަންސް ނަގައިގެން ކުރަން ޖެހޭ ކަންކަމެވެ.