އިގުތިސާދަށް މުހިންމު ކަމަށް ބުނެ މަޖިލީހުން ފާސްކުރި އެސްއީޒެޑް ބިލު ތަސްދީގުކުރައްވައިފި
ސަން
10 ނޮވެމްބަރު 2025 | ހޯމަ | 10:22
ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް މީހުން ދިރިއުޅުމަށް ތަރައްގީކުރާ ސަރަހައްދުތަކަކީ، ނުވަތަ "ސަސްޓެއިނަބަލް ޓައުންޝިޕް"އަކީ ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން އެސްއީޒެޑު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
އެ ބިލު ދިރާސާކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި، ބިލު ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް އެމްޑީޕީން ބުންޏެވެ. މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އާންމުންނާއި ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދައި ބިލު ދިރާސާކުރުމަށްފަހު ފާސްކުރުމަށް ވެސް އެ ޕާޓީން އެދުނެވެ.
އެހެންނަމަވެސް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތްގޮތުން އެ ބިލު ވީ އެންމެ އަވަހަށް ފާސްކުރުން މުހިންމު ކަމަށެވެ. އަދި އެމްޑީޕީން މަސައްކަތްކުރަނީ ގައުމަށް މަންފާހުރި ކަންކަން ލަސްކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.